މަޤްޞަދު
 1. މި ސްކީމް ނުވަތަ ފެސިލިޓީގެ ސަބަބުން ރާއްޖޭގެ ރަށްތަކުގައި ދޫކޮށްފައިވާ ގޯތިތަކުގެތެރެއިން ގެދޮރު އިމާރާތް ނުކުރެވިފައި ވުމުގެ ސަބަބުން ދިރިއުޅެން ފެށިފައިނުވާ ގިނަ ގޯތިތަކެއްގެ މައްސަލައަށް ޙައްލެއް ލިބިގެންދިއުން.
 2. އަދި ރަށްރަށުގައި ގޯތި ލިބި، ނަމަވެސް މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރުނޭޅި، ދަތި ޙާލުތަކުގައި ދިރިއުޅޭ ޢާއިލާތަކަށްވެސް ގެދޮރުގެ ތަނަވަސްކަން ލިބިގެންދިއުން.
 3. ވަކިން ޚާއްސަކޮށް މި ސްކީމްގެ ސަބަބުން ޒަވާޖީ ޙަޔާތެއްފަށައި ދިރިއުޅުމެއް ފެށުމަށް ބޭނުންވެފައިތިބި ޒުވާނުންނަށް، ލިބިފައިވާ ގޯތީގައި ގެދޮރު އިމާރާތްކޮށް، ވަކި ދިރިއުޅުމެއް ފެށުމަށް މަގުފަހިވެގެން ދިއުން.
މި ސްކީމް ނުވަތަ އިސްލާމިކް ފެސިލިޓީއިން ކުރާނެ ފައިދާ

މި ސްކީމް ނުވަތަ ފެސިލިޓީގެ ސަބަބުން ރާއްޖޭގެ ރަށްތަކުގައި ދޫކޮށްފައިވާ ގޯތިތަކުގެތެރެއިން ގެދޮރު އިމާރާތް ނުކުރެވިފައި ވުމުގެ ސަބަބުން ފަޅުވެފައިވާ ގިނަ ގޯތިތަކެއްގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެއެވެ. އަދި ރަށްތަކުގައި ގޯތި ލިބި، ނަމަވެސް މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރުނޭޅި، ދަތި ޙާލުތަކުގައި ދިރިއުޅޭ ޢާއިލާތަކަށްވެސް ގެދޮރުގެ ތަނަވަސްކަން ލިބިގެންދާނެއެވެ. ވަކިން ޚާއްސަކޮށް މި ސްކީމްގެ ސަބަބުން ޒަވާޖީ ޙަޔާތެއްފަށައި ދިރިއުޅުމެއް ފެށުމަށް ބޭނުންވެފައިތިބި ޒުވާނުންނަށް، ލިބިފައިވާ ގޯތީގައި ގެދޮރު އިމާރާތްކޮށް، ވަކި ދިރިއުޅުމެއް ފެށުމަށް މަގުފަހިވެގެން ދާނެއެވެ.

އިސްލާމިކް ފެސިލިޓީގެ "ޓާރމްސް"
 1. މި ސްކީމަކީ އިސްލާމިކް ފައިނޭންސް ގެ އުސޫލުތަކުގެ މަތިން ހިންގޭ ސްކީމެކެވެ.
 2. މި ސްކީމް ގެ ދަށުން ގެއެއް ހެދުމަށް އެންމެ ގިނަ ވެގެން ދޫކުރެވޭނީ 400,000.00 (ހަތަރު ލައްކަ) ރުފިޔާއެވެ. އެންމެ މަދުވެގެން ދޫކުރެވޭނީ 50,000.00 (ފަންސާސް ހާސް) ރުފިޔާއެވެ.
 3. މި ސްކީމްގެ ދަށުން ނަގާ ފައިސާ އަނބުރާ ދެއްކުމުގެ އެންމެ ދިގު މުއްދަތަކީ 20 އަހަރެވެ.
 4. މި ސްކީމްގެ ދަށުން ދޫކުރެވޭ ޖުމްލަ ފެސިލިޓީގެ %30 ދޫކުރެވޭނީ އުމުރުން 18 އަހަރާއި 34 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ.
 5. އަދި މިފެސިލިޓީގެ ދަށުން ހެދޭ ހުރިހާތަނަކީ ޤާނޫނީގޮތުން ރަހުނުކުރެވޭ ތަންތަނެވެ.
މި ސްކީމްގެ ޝަރުޠުތައް
 1. އެމީހާއާއި އެމީހާގެ ޢާއިލާ ދިރިއުޅޭނެ އެކަށީގެންވާ އަމިއްލަ ހިޔާވައްސެއް ނެތް ފަރާތެއް ކަމުގައިވުން.
 2. ފެސިލިޓީއަށް އެދޭފަރާތުގެ ނަމުގައި ބިމެއް ރަޖިސްޓްރީ ކުރެވިފައި އޮތުން.
 3. ފެސިލިޓީއަށް އެދޭފަރާތަކީ ބިންރަޖިސްޓްރީ ވެފައިވާ ރަށުގެ ރަށްވެއްސެއް ކަމުގައިވުން.
 4. ލިބިފައިވާ ގޯތި ނުވަތަ ގޯތީގެ ބައިގައި ދާއިމީ ޢިމާރާތެއް ހެދިފައިނުވުން (ދާއިމީ ޢިމާރާތެއްގެ ގޮތުގައި ބެލެވޭނީ ކޮންކްރީޓް ކޮށްފައި ނުވަތަ ރާނާފައި ނުވަތަ އެހެންވެސް ދާއިމީކޮށް ޢިމާރާތެއްކުރުމަށް ބޭނުންކުރާ އެއްޗަކުން ހަދާފައިވާ ޢިމާރާތެކެވެ. މިފަދަ ގޮތަކުން ހަދަން ފަށާ އަދި ނުނިމި ހުރި ތަންތަން ނިންމުމަށްވެސް މި ފެސިލިޓީ ލިބޭނެއެވެ.)
 5. ރައްވެހިވެފައިވާ ރަށުގައި މި ފެސިލިޓީއަށް އެދި ހުށަހަޅާ ފަރާތް ނުވަތަ އެފަރާތުގެ ޢާއިލާ ދިރިއުޅުން ބިނާކޮށް އެރަށުގައި ދިރިއުޅޭތާ މަދުވެގެން 3 އަހަރު ވެފައިވުން. (އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ރަށަކަށް ބަދަލު ކުރެވޭ ފަރާތެއް އެރަށެއްގެ ރައްވެއްސަކަށް ވިތާ 3 އަހަރު ނުވިކަމުގައި ވީނަމަވެސް އެފަރާތެއް ނުވަތަ އެފަރާތެއްގެ ޢާއިލާ އެރަށެއްގައި ދިރިއުޅޭނަމަ މި ސްކީމަށް ކުރިމަތި ލެވޭނެއެވެ.)
 6. އެކަކަށްވުރެ ގިނަމީހުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ބިމެއްގެ މިލްކުވެރިއެއް ކަމުގައި މި ފެސިލިޓީއަށް އެދޭފަރާތް ވާނަމަ، މިކަމަށް އެހެން ބެހެނިވެރިންގެ ރުހުންއޮތްކަމުގެ ޕަވަރ އޮފް އެޓަރނީ ލިބިފައިއޮތުން.
 7. އާއިލާއަށް ލިބޭ ޖުމްލަ އާމްދަނީގެ އަދަދު 15,000 ރުފިޔާއަށް ވުރެ ގިނަ ނުވުން، އަދި 5,500 ރުފިޔާއަށް ވުރެ މަދުނުވުން.
 8. އެމީހެއްގެ އަމިއްލަ ނަމުގައި ސަރުކާރުގެ ގެދޮރުވެރި ކުރުމުގެ އެއްވެސް ސްކީމަކުން ބޯހިޔާވެހިކަމެއް ލިބިފައި ނެތުން.
 9. އުމުރުން 18 އަހަރު ވެފައިވުން.